މިއަދު މި ރާއްޖެ މިއޮތީ އަނެއްކާވެސް އީ.ޕީ.އެސް. އަކަށް ބޭނުންވެފައި. – ރައީސުލް ޖުމްހޫރިއްޔާ

EPS School > ޚަބަރު > މިއަދު މި ރާއްޖެ މިއޮތީ އަނެއްކާވެސް އީ.ޕީ.އެސް. އަކަށް ބޭނުންވެފައި. – ރައީސުލް ޖުމްހޫރިއްޔާ

މިއަދު މި ރާއްޖެ މިއޮތީ އަނެއްކާވެސް އީ.ޕީ.އެސް. އަކަށް ބޭނުންވެފައި. – ރައީސުލް ޖުމްހޫރިއްޔާ

މިއަދު މިރާއްޖެ އަނެއްކާވެސް މިއޮތީ އީޕީއެސް ސްކޫލަކަށް ބޭނުންވެފައި ކަމުގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. އީޕީއެސް ސްކޫލު އުފެދުނުތާ 53 އަހަރު ފުރުން ފާހަގަކޮށް، ސްކޫލަށް އެކި ރޮނގުރޮނގުން ޚިދްމަތްކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރުމަށްޓަކައި ބޭއްވި ޖަލްސާގައި، ރައީސް ޞާލިހު ވިދާޅުވީ އީޕީއެސް ސްކޫލުން 27،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ތައުލީމާއި ތަރުބިއްޔަތު ލިބި އެކި ދާއިރާތަކުގައި ގައުމަށް ޚިދުމަތް ކުރަމުންދާ ކަމަށެވެ.

“އަޅުގަނޑު ދަންނަވާނީ، މިއަދު މި ރާއްޖެ މިއޮތީ އަނެއްކާ ވެސް އީޕީއެސް އަކަށް ބޭނުންވެފައޭ. އާދެ، އީޕީއެސް އިން އުފެއްދި ދަރިވަރުންގެ ތެރޭގައި، ޕްރޮފެސަރުންނާއި، ޑޮކްޓަރުންނާއި، ސިފައިންނާއި، ފުލުހުންނާއި، ނަރުހުންނާއި، ކުޅިވަރު ކުޅޭ މީހުންނާއި، ޓީޗަރުންނާއި، ޅެންވެރިންނާއި، ތަމްސީލު ކުޅޭ މީހުންނާއި، ލަވަކިޔާ ފަރާތްތަކާއި، މިހެންގޮސް ހުރިހާ ދާއިރާއެއްގައި އަދި ނުވާތަނަކަށް ސިޔާސީ ދާއިރާގައިވެސް އެންމެ އުހުގައި އެބަތިބި މިއަދު އީޕީއެސް އިން ތައުލީމު ހާސިލުކޮށްގެން ނުކުންނެވި ދަރިވަރުން،” ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އުފަންވެވަޑައިގެންނެވި ޅ. ހިންނަވަރު ދޫކުރައްވައި، 1970 ގައި މާލެ ވަޑައިގެން ފުރަތަމަ ކިޔަވައި ވިދާޅުވީ އީޕީއެސް ސްކޫލުގަ އެވެ. އެއަށް ފަހު ބަދަލުވެވަޑައިގަތީ މަޖީދިއްޔާ ސްކޫލަށެވެ.

“އަޅުގަނޑުގެ ތަޢުލީމީ ޙަޔާތް، މާލޭގައި ފެށިގެންދިޔައީ އީ.ޕީ.އެސް. ސްކޫލުން. އަޅުގަނޑު ރަށުން މާލެއަށް ބަދަލުވީ 1970ގެ މެދުތެރޭގައި. އޭރު ސްކޫލަށް ވަދެ، ފުރަތަމަވެސް ތަޢުލީމު ޙާޞިލުކުރަން ފެށީ އީ.ޕީ.އެސް.ގައި. އޭރުގެ ހަނދާންތައް އަޅުގަނޑުގެ މިއަދުވެސް އެބަހުރި. ބައެއް ހަނދާންތަކުގެ ތެރޭގައި، ސްޓޭޖްމަތިން އަޅުގަނޑަށް އިނާމު ލިބުނު ދުވަހެއް ހަނދާން އެބަހުރި. ކްލާހުން ވަނައެއް ލިބިގެން، އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަތްޕުޅުން އަޅުގަނޑަށް އިނާމު ލިބުނު. އެއަށްފަހު، މައުމޫން، ރައީސަކަށް ވެވަޑައިގެންނެވީ. އެ ހަނދާން އަދިވެސް އަޅުގަނޑުގެ އެބަހުރި. އަދި އަޅުގަނޑާ އެކީގައި ތަޢުލީމު ޙާޞިލުކުރި އެތައް ކުދިންނެއް މިއަދުވެސް އަޅުގަނޑުގެ ރައްޓެހިންގެ ގޮތުގައި އެބަތިބި. އަޅުގަނޑަށް މިތަނުން ފެންނަ އެއް މޫނެއް، މީމު ޒަވިޔަނި، ޒާހިރު އެބަ އިންނެވި. އަދިވެސް، މާސްކް އަޅައިގެން ތިބީމާ އަޅުގަނޑަށް މިރޭ ކުދިން ވަކިނުވިޔަސް، ހަމަގައިމުވެސް މިތާ ތިއްބަވާނެ، އޭގެ އެތައް ބޭފުޅުންނެއް.” ރައީސް ވިދާޅުވިއެވެ.

އީޕީއެސް އުފެދިގެން އައީ ތައުލީމީ ދާއިރާއަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައި ކަމަށާއި އެއީ އެ ސްކޫލު އުފެއްދީ، ދުރުވިސްނޭ، ހެޔޮއެދޭ، ރާއްޖޭގެ ތައުލީމަށް ލޯބިކުރައްވާ އޭރުގެ ދިވެހި ޒުވާނުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

” ގާތްގަނޑަކަށް 83 ދަރިވަރުންނާއި، 13 ޓީޗަރުންނާ އެކުގައި މުޞްޠަފާ އަމިއްލަފުޅު ގޭގައި އެ ސްކޫލް ފެށްޓެވީ. މިއީ އީ.ޕީ.އެސް. ފެށިގެން އައިގޮތަކީ. އީ.ޕީ.އެސް. އަށް 52 އަހަރު ފުރިގެންދާއިރުގައި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ހަތާވީސްހާހެއްހާ ދަރިވަރުން ތަޢުލީމު ޙާޞިލުކޮށް، އެކި ދާއިރާގައި މިހާރު ޚިދުމަތް ކުރަމުން އެބަގެންދޭ.” ރައީސް ވިދާޅުވިއެވެ.

“އެކަމަށްޓަކައި އަދިވެސް އެއްފަހަރު، އީޕީއެސް ސްކޫލްގެ ފައުންޑަރުން އެ ކޮށްދެއްވި ހިދުމަތަށް އަޅުގަނޑުމެން އެންމެންގެ ނަމުގައި ޝުކުރު އަދާކުރަން،” އެ މަނިކުފާނު ވިދާޅުވި އެވެ.

ގައުމެއް ތަރައްގީވެ ކުރިއަށްދަނީ، އެ ގައުމެއްގެ ދަރިންނަށް ދޭ ހަމައެކަނި ތައުލީމެއްގެ ސަބަބަކުންނެއް ނޫން ކަމަށާއި ތައުލީމާއެކު ދެވޭ ތަރުބިއްޔަތަކާއި، ތަމްރީނުތަކެއްގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ.

“އީޕީއެސް އިން ކޮށްދިން ކަމަކީ އެއީ. ދެވުނު ތައުލީމާ އެކީގައި ދަރިވަރުން ތަރުބިއްޔަތު ކުރި. ތަމްރީނުތައް ދިން. މުޅި މުޖުތަމަޢަށް ލޯ ހުޅުވާލަދިން. މިއަދު ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް، ކޮންމެ ދާއިރާއަކަށް ބަލައިލި ނަމަވެސް، މިކަމުގެ ހަގީގަތް އެއޮތީ ސާފުކޮށް ފެންނަން،” އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މަގުސަދު ހާލުކުރުމަށްޓަކައި ކިޔަވައިދިނުމުގެ އިތުރަށް، އިތުރު އެތައް ކަންތައްތަކެއް ހިންގިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އީޕީއެސްގެ ލިޓްރަރީ އެންޑް ކަލްޗަރަލް ސޮސައިޓީ އާއި، މިނީ ޔޫއެންއޯ އާއި އަދި އަތޮޅުތައް ތަމްސީލުވާ ގޮތަށް ބޭއްވުނު ބައްދަލުވުންތަކާއި، ކެޑެޓާއި، ގާރލްގައިޑާއި، ސްކައުޓާ ފަދަ ހަރަކާތްތަކަކީ ވަށައިޖެހޭ ގޮތަށް ދެވުނު ތައުލީމު ކަމަށެވެ.

އާދެ، އީ.ޕީ.އެސް. ފައުންޑޭޝަންގެ ފަރާތުން އިސްނަގައިގެން ކުރައްވަނީ ވަރަށް މުހިންމު މަސައްކަތެއް ކަމާއި  އީ.ޕީ.އެސް.ގެ ނަމާއި، އެ ކޮށްދިން ޚިދުމަތް ދާއިމަށް ދެމިގެންދާނެގޮތަކަށް އަޅުގަނޑުމެން އެ މަސައްކަތް ކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިހުރީ އަޅުގަނޑަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ތިޔަބޭފުޅުންނާ އެކީގައި ކުރަން ތައްޔާރަށް.” ރައީސް ވިދާޅުވިއެވެ.

    Leave a Comment