އީޕީއެސް ސްކޫލްގެ ފައުންޑަރ މެންބަރުންނަށް އެވޯޑް ދެއްވައިފި

EPS School > ޚަބަރު > އީޕީއެސް ސްކޫލްގެ ފައުންޑަރ މެންބަރުންނަށް އެވޯޑް ދެއްވައިފި

އީޕީއެސް ސްކޫލްގެ ފައުންޑަރ މެންބަރުންނަށް އެވޯޑް ދެއްވައިފި

އީޕީއެސް ފައުންޑޭޝަނުން އިސް ނަގައިގެން އީޕީއެސް ސްކޫލަށް އެކިއެކި ރޮނގުރޮނގުން ޚިދްމަތް ކުރެއްވި ބޭފުޅުންނަށް އެބޭފުޅުން ކުރެއްވި ޚިދްމަތްތައް ފާހަގަކޮށް އެވޯޑް ދެއްވައިފިއެވެ. އެވޯޑް ދިނުމުގެ ހަފްލާ އޮތީ ރޭ ހޮޓެލްޖެން ގައި އެކަމަށް ޚާއްސަ ކުރެވިގެން ބޭއްވި ހަފްލާއެއްގައެވެ. މިހަފްލާ ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.

މިރަސްމިއްޔާތުގައި 5 ކެޓެގަރީއަކުން 24 ބޭފުޅުންނަށް އެވޯޑް ދެވުނެވެ. އެއީ، ފައުންޑާސް އެވޯޑާއި، އައުޓްސްޓޭންޑިންގ ސާވިސް އެވޯޑާއި، ޓީޗިންގ އެވޯޑާއި، ސްޓާފް އެވޯޑާއި، ޕާސްޓްޕިޔުޕިލް އެވޯޑެވެ.

ފައުންޑަރ އެވޯޑް ލިބިވަޑައިގަތީ 4 ބޭފުޅުންނަށެވެ. އެއީ، މުޙައްމަދު މުޞްޠަފާ ޙުސައިން، އަލް މަރުޙޫމް ޙަސަން މާހިރު، އަޙްމަދު މުޖުތަބާ އަދި މުޙައްމަދު ޝަރީފަށެވެ.

އީ.ޕީ.އެސް ސްކޫލް އުފެއްދެވި ފައުންޑަރ މެމްބަރުންގެ ތެރެއިން ޚާއްޞަ ގޮތެއްގައި ސްކޫލްގެ މަސްއޫލުވެރިޔާ ގ. ބޮޑުފެންވަޅުގޭ މުޙައްމަދު މުސްޠަފާ ހުސައިންގެ ނަންފުޅު ފާހަގަ ކޮށްލެވެއެވެ. ފުރަތަމަ ސްކޫލްގެ ޕްރިންސިޕަލެއްގެ ގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީވެސް މުޞްޠަފާއެވެ. އޭގެ އިތުރަށް ސްކޫލުގެ ތަރައްގީއާއި ބެހޭގޮތުން އެކިއެކި ކަންތައްތައް ރާވައި ހިންގުމާއި ސްކޫލްގެ އިތުރު ޙަރަކާތްތަކާއި އަޚްލާގީ ކަންތައް ބެލެހެއްޓެވިއެވެ. ޖުމްލަގޮތެއްގައި ހުރިހާ މަގާމެއްވެސް މުސްޠަފާ ފުރުއްވާފައި ވެއެވެ. ކުދިންގެ މެދުގައި ޝަޚްޞިއްޔަތު ރަނގަޅު ކުރެއްވުމާއި ދުނިޔޭގެ ކަންތައްތަކަށް ލޯހުޅުވޭ ބަޔަކަށް ހެއްދެވުމާއި އެކުވެރިކަމާއެކު ލީޑަރޝިޕް ނަގައިގެން ކުރިއަށް ދެވޭނެ ކުދިބަޔަކަށް ހެއްދެވުމުގެ ގޮތުން މިނީ ޔޫ.އެން.އޯ އާއި ލިޓްރަރީ އެންޑް ކަލްޗަރަލް ސޮސައިޓީގެ ހުރިހާ ކަމެއް ބެއްލެވުމުގައި އެންމެ އިސްކޮށް އުޅުއްވީ މުސްޠަފާ އެވެ. ސްކޫލްގެ ފަހު އަހަރުތަކުގެ ތެރޭގައި ދަރިވަރުންނަށް މަތީސާނަވީގައި ކިޔެވުމުގެ ފުރުޞަތު ހުޅުއްވައިދެއްވިއެވެ. 1999 ވަނައަހަރުން ފެށިގެން 2008 ވަނައަހަރުގެ ނިޔަލަށް އެންމެފަހު 10 އަހަރު ސްކޫލުގެ ޕްރިންސިޕަލަކީ ވެސް މުސްތަފާއެވެ.

ސްކޫލް ފައުންޑަރ މެންބަރުންގެ ތެރޭން އެންމެ ޚާއްޞަ މަގާމެއް ދެވޭ އެއް ބޭފުޅަކީ އަލްފާޟިލް ޙަސަން މާހިރެވެ. މާހިރުގެ އެކުވެރި 4 ބޭފުޅުންނާއެކު ސްކޫލް އުފެއްދެވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިއެވެ. ސްކޫލްގެ ޕްރިންސިޕަލްކަމުގެ މަގާމުގައި މެދުނުކެނޑި އެންމެ ގިނަދުވަހު ހުންނެވި ބޭފުޅަކީ ހަސަން މާހިރެވެ. ސްކޫލް ހިންގި 40 އަހަރުގެ ތެރެއިން 25 އަހަރު ޕްރިންސިޕަލްގެ މަގާމް ފުރުއްވާފައި ވެއެވެ. ޙަސަން މާހިރު ދަރިވަރުންގެ ސުލޫކާއި އަޚްލާގު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވި އެވެ. ހަސަން މާހިރުގެ ޕްރިންސިޕަލް ކަމުގައި އީޕީއެސް ސްކޫލް ފެނިގެން ދިޔައީ ރާއްޖޭގެ އެންމެ ވަރުގަދަ ތަޢުލީމީ އެއް މުއައްސަސާ ކަމުގައެވެ. އެންމެ ގިނަ ދަރިވަރުން އެ މުއައްސަސާ އަކުން ތަޢުލީމު ޙާސިލުކުރަމުންގެންދިޔަ އެއްމުއައްސަސާ ކަމުގައެވެ. ހަސަން މާހިރު ވަނީ ތަޢުލީމީ ދަރިންތަކެއް ނެރެދެއްވާފައެވެ. ހުނަރުވެރި ޒުވާނުންތަކެއް އުފައްދަވައި ދެއްވާފައެވެ. ކުޅިވަރުގެ ރޮނގުންނާއި އަދަބީރޮނގުން ގިނަގުނަ ކާމިޔާބީތަކެއް ހޯއްދަވައި ދެއްވާފައެވެ. ވަރަށް ގިނަ ކަންތައްތަކެއް ސްކޫލަށް ވަނީ ތަޢާރަފް ކޮށް ދެއްވާފައެވެ. އޭގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަ ކޮށްލެވެނީ އަތޮޅުތަކުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމަށްޓަކައި ފެށުނު އަތޮޅުތަކުގެ ދަރިވަރުންގެ މަހާސިންތާއެވެ. މާހިރު އީ.ޕީ.އެސް އަށް ކޮށްދެއްވާފައިވާ ޚިދްމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުންވަނީ ހިތްވަރުދިނުމުގެ ޤައުމީ އިނާމު 1980 ވަނަ އަހަރު ދެއްވާފައެވެ.

31 މެއި 2012 ގައި މާހިރުވަނީ ދެމިއޮތުމުގެ ޢާލަށް ދަތުރު ކުރައްވާފައެވެ. މާތް ﷲ އެމަނިކުފާނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ، އާމީން

ފައުންޑަރ މެންބަރުންގެ ތެރެއިން އަލްފާޟިލް މުޙައްމަދު ޝަރީފަކީވެސް ފާހަގަކޮށްލެވޭ މުހިއްމު ބޭފުޅެކެވެ.  ޝަރީފް ވަނީ ސްކޫލްގެ ގިނަ މަގާމުތަކެއް ވަރަށް އިޚްލާޞްތެރިކަމާއެކު ފުރުއްވާފައެވެ. އޭގެތެރޭގައި ޕްރިންސިޕަލްކަމާއި ވައިސް ޕްރިންސިޕަލްކަން އަދި އިނގިރޭސި ޓީޗަރު  ކަން ހިމެނެއެވެ. ޝަރީފް އީ.ޕީ.އެސް އަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ ތެރެއިން ލައިބްރަރީއެއް އުފެއްދުމަށް ހޯއްދަވައިދެއްވި ދީލަތި އެހީ ފާހަގަކުރެވެއެވެ. ލައިބްރަރީއަށް ފޮތް ހޯދުމުގެ ގޮތުން އިނގިރޭސި ވިލާތުގެ ރެންފަލީ ލައިބްރަރީ ސާވިސް އިން ހިލޭ ފޮތް ލިބޭނެ މަގު ފަހިކޮށްދެއްވިއެވެ. މީގެ އިތުރަށް އީ.ޕީ.އެސް ގެ ލަވަ، ލަންޑަން ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޕްރޮފެސްރ ރެނޯލްޑްސް އާއި ގުޅުއްވައިގެން ހައްދަވައިދެއްވީވެސް ޝަރީފެވެ. އީ.ޕީ.އެސްގައި ސްކޫލުގެ ބަޖެޓް ބެލެހެއްޓުމާއި އަޚުލާގީބައި ބެލެހެއްޓުމުގައިވެސް ޝަރީފް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެންމެފުރަތަމަ އަދާކުރެއްވީ ވައިސް ޕްރިންސިޕަލް ކަމުގެ މަގާމެވެ. އެމަގާމުގައިހުންނަވައިގެން އިނގިރޭސި ޓީޗަރު ކަންވެސް ކުރެއްވިއެވެ.  ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަކީ ފައުންޑަރ މެންބަރުންގެ މެދުގައި ދައުރުވާ ގޮތަށް އޭރު އޮންނަ މަގާމަކަށް ވާތީ ދެވަނައަށް ޕްރިންސިޕަލްކަން ލިބިވަޑައިގަތީ މުޙައްމަދު ޝަރީފަށެވެ.

ފައުންޑަރ މެންބަރުންގެ ތެރެއިން އަލްފާޟިލް އަޙުމަދު މުޖްތަބާ ސްކޫލާއި ގުޅިވަޑައިގަތީ ސްކޫލްގެ އުމުރުން ދެވަނަ އަހަރު ގުނަމުން ދަނިކޮށެވެ. ސްކޫލް އުފެއްދިއިރު އޭނާ ހުންނެވީ ބަނގްލަދޭޝްގައި ކިޔަވާ ވިދާޅުވާށެވެ. މުޖުތަބާވެސް ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމް ފުރުއްވާފައި ވެއެވެ. އޭރު ސްކޫލްގައި ބާއްވަމުންގެންދާ ކޮންސެޓްތަކަށް ކުދިން ތައްޔާރުކުރުމުގެ ގޮތުން ޑްރާމާތައް ދަސްކޮށްދެއްވުމާއި ދިވެހި ޑްރާމާތައް އިނގިރޭސި ބަހަށް ބަދަލުކުރުމާއި އިގިރޭސި ބަހުން ވާހަކަދެއްކުމުގައި ކުދިންގެ ހުނަރު ކުރިއެރުވުމަށް ވަރަށްބޮޑަށް މަސައްކަތް ކުރެއްވިއެވެ. މާފަންނުއާގޭގައި ސްކޫލް ހިންގެވި ދުވަސްވަރު ސްކޫލްގެ ޕްރިންސިޕަލްކަން މުޖުތަބާ ވަނީ އަދާކުރައްވާފައެވެ.

    Leave a Comment