އީޕީއެސް ސްކޫލްގެ އައުޓްސްޓޭންޑިންގ ސާވިސް އެވޯޑް 3 ބޭފުޅަކަށް

EPS School > ޚަބަރު > އީޕީއެސް ސްކޫލްގެ އައުޓްސްޓޭންޑިންގ ސާވިސް އެވޯޑް 3 ބޭފުޅަކަށް

އީޕީއެސް ސްކޫލްގެ އައުޓްސްޓޭންޑިންގ ސާވިސް އެވޯޑް 3 ބޭފުޅަކަށް

އީޕީއެސް ސްކޫލްގެ 50 އަހަރުގެ ތެރޭގައި ސްކޫލަށް އެކިއެކި ރޮނގުރޮނގުން ޚިދްމަތް ކުރެއްވި ބޭފުޅުންނަށް އެބޭފުޅުން ކުރެއްވި ޚިދްމަތްތައް ފާހަގަކޮށް 5 ކެޓެގަރީ އަކުން 24 ބޭފުޅަކަށް އީޕީއެސް ފައުންޑޭޝަނުންވަނީ އެވޯޑް ދެއްވާފައެވެ. އޭގެ ތެރެއިން އައުޓްސްޓޭންޑިންގ ސާވިސް އެވޯޑް އަރުވާފައިވަނީ 3 ބޭފުޅުންނަށެވެ. އެއީ އަލްފާޟިލް ހުސްނީ މުޙައްމަދާއި، އަލްމަރްޙޫމް ޙަސަން މުޙައްމަދާއި މިސްޓަރ ކޭ.ސީ. ޕަރަމަލިންގަމަށެވެ.

އެވޯޑް ދިނުމުގެ ހަފްލާ އޮތީ ރޭ ހޮޓެލްޖެން ގައި އެކަމަށް ޚާއްސަ ކުރެވިގެން ބޭއްވި ހަފްލާއެއްގައެވެ. މިހަފްލާ ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.

ޙުސްނީ މުޙައްމަދުގެ އެވޯޑާއި ޢާއިލާއިން ހަވާލުވަނީ…

އަލްފާޟިލް ހުސްނީ މުޙައްމަދަކީ އީޕީއެސް ސްކޫލު ދުށް އެންމެ މަޤްބޫލު އަދި ކާމިޔާބު ހެޑްމާސްޓަރ ކަމުގައި އޭނާގެ ދައުރުގައި ކިޔެވި ގިނަދަރިވަރުން ޤަބޫލުކުރެއެވެ. އޭނާ އަކީ ދަރިވަރުންގެ ސްލޫކާއި އަޚްލާޤް ރަނގަޅުފެންވަރެއްގައި ހިފެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވެވި އަދި މަސައްކަތްޕުޅުތަކެއް ކުރެއްވެވި ހިންގުންތެރިއެކެވެ. އޭނާ ދެކެ ޖަހިލުންނުވާ ދަރިވަރަކު އޭރު ސްކޫލުގައި ނެތޭދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ކުށްކުރާދަރިވަރުން އިސްލާހުކުމުގައި ދަރިވަރުންނާއި ގުޅޭ އަދަބުތައް ދެއްވަމުން ގެންދެވި ބޭފުޅެކެވެ. މިގޮތުން 100 ފަހަރު އެކަމެއްދެން ނުކުރާނެކަމަށް ބުނެ ފޮޅުވަތްލިއުއްވުމަށާއި އަދި ޕޮއެމް ނުވަތަ ޅެންބައިތު ދަސްކުރަން ފަދަކަންކަން ކުރުމަށް ދަރިވަރުންނަށް އަދަބެއްގޮތުގައި ދެއްވާހެއްދެވިއެވެ. ހެޑް މާސްޓަރުގެ މަޤާމު ފުރުއްވުމުގެ އިތުރުން، އަލްފާޟިލް ހުސްނީ މުޙައްމަދަކީ ހިސާބު މާއްދާ ގިނަ ގްރޭޑް ތަކަކަށް ކިޔަވާދެއްވެވި މޮޅުހިސާބު މުދައްރިސެއްވެސް މެއެވެ.

މަރުޙޫމް ޙަސަން މުޙައްމަދުގެ އެވޯޑާއި ހަވާލުވީ ޙަސަން މުޙައްމަދުގެ ދަރިކަލުން

އަލްމަރުޙޫމް ހަސަން މުޙައްމަދަކީ އިސްލާމް މާއްދާ ކިޔަވާދެއްވެވި އަދި ދިވެހި މާއްދާ ކިޔަވާދެއްވެވި މަޤްބޫލު މުދައްރިސެކެވެ. ފިލާވަޅުތައް ނަގާދެއްވުމުގައާއި އޮޅުންފިލުވާދެއްވުމުގައި ދުނިޔެވީ މިސާލު ތަކާއި، ދަރިވަރުން އަޑުއަހާހިތްވާކަހަލަ ވާހަތައް ވިދާޅުވެދެއްވަމުން ކިޔަވާދެއްވެވި، އަދި ހުރިހާދަރިވަރުންނަށްވެސް ވަރަށް އަދުލުވެރިކަމާއެކު ކިޔަވާދެއްވެވި އަދި ދަރިވަރުން ދަސްކުރާފިލާވަޅުތައް ވަރަށްފުރިހަމައަށް ފޮތެއްގައި ލިއުއްވަވައި، އޮޅުވާނުލެވޭނެގޮތަށް ދަރިވަރުންގެ ކުރިއެރުންދާގޮތް ރިކޯޑް ކުރައްވަމުންގެންދެވި މޮޅުމުދައްރިސެކެވެ. ފަހުން އަލްމަރުޙޫމް ހަސަން މުޙައްމަދު ސްކޫލް ގެ ސެކެޓްރީކަމުގެ މަޤާމަށް އައްޔަނުކުރެވި، އޮފީސް ހިންގުމާއި، ހުސްނީ މުޙައްމަދު ވަކިވެވަޑައިގަތުމުން، ދަރިވަރުންގެ ސްލޫކާއި އަދަބު އަޚްލާޤް ބެލެހެއްޓެވުމުގައި ވެސް ޚިދުމަތްކުރައްވަވާފައިވާ ތަފާތު ފަންނުތަކުގެ ބޭފުޅެކެވެ. ދިވެހި ބަހުން ވާހަކަ ދެއްކުމަށާއި، ތަމްސީލު ކުޅުން ފަދަ ކަންކަމުގައި ދަރިވަރުން ތަމްރީނު ކުރައްވަވާފައިވެއެވެ. ސްކޫލުގެ އަހަރީ ކޮންސަރޓް ގައި އެއްފަހަރަކު ވަރަށްކާމިޔާބު ދިވެހި ތަމްސީލެއްވެސް އޭނާ ތައްޔާރުކޮށްދެއްވާފައިވެއެވެ. ޅެންބަހުން ހުށަހެޅިގެންދިޔަ “ކަކުތޯނުދާނެނީ” މި ތަމްސީލް ވެގެންގޮސްފައިވަނީ 1980 ވަނަ އަހަރު ހުށަހެޅުނު އެންމެ މަޤްބޫލު އަދި ކާމިޔާބު ދިވެހި ތަމްސީލަށެވެ.

މިސްޓަރ ކޭސީ ޕަރަމަލިންގަމްގެ އެވޯޑާއި ޢާއިލާއިން ހަވާލުވީ ދަރިފުޅު ޖޯއީ ޕަރަމަލިންގަމް

މިސްޓަރ ކޭސީ ޕަރަމަލިންގަމް އީޕީއެސް ސްކޫލަށް ޚިދްމަތް ކުރައްވަން ފެށްޓެވީ 1976 ވަނަ އަހަރުގެ މާޗް މަހުއެވެ. މިސްޓަރ ޕަރަމަލިންގަމް އަކީ، އީޕީ އެސް ސްކޫލްގެ ސްޕޯޓްސް މާސްޓަރކަން ކުރެއްވި ދަރިވަރުންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ކުޅިވަރުގެ ރޮނގުން ވަރަށް ގިނަ ކާމިޔާބީތައް ސްކޫލަށް ހޯއްދަވާ ދެއްވާފައިވެއެވެ. ސްކޫލްގެ ސްޕަވައިޒަރެއްގެ މަގާމްވެސް އަދާކުރެއްވި ޕަރަމަލިންގަމް އަކީ، ގިނަ ވަގުތު ސްކޫލްގެ ހޭދަކުރެއްވި ސްކޫލް ދަރިވަރުންގެ އަޚްލާގީ ކަންކަން ބެލެހެއްޓެވި ދަރިވަރުންގެ ވަރަށް މަގްބޫލު މުދައްރިސަކަށެވެ. ސްކޫލްގެ ކެޑޭޓާއި ބޭންޑްގެ ކަންތައް ވަރަށް ގިނަ ދުވަސް ތަކެއް ވަންދެން ބެލެހެއްޓެވިއެވެ. އިނގިރޭސި ބަހާއި ސޯޝަލް ސްޓަޑީޒް ފަދަ މާއްދާތައްވެސް ކިޔަވާދެއްވާފައި ވެއެވެ. މިސްޓަރ ކޭސީ ޕަރަމަލިންގަމް ވަނީ 33 އަހަރު އީޕީއެސް އަށް ވަރަށް އަގުހުރި ޚިދްމަތް ތަކެއް ކޮށްދެއްވާފައެވެ.

    Leave a Comment