އީ.ޕީ.އެސް ސްކޫލްގެ 52 ވަނަ އުފަން ދުވަސް ފައުންޑޭޝަނުން ފާހަގަކުރަނީ.

EPS School > ޚަބަރު > އީ.ޕީ.އެސް ސްކޫލްގެ 52 ވަނަ އުފަން ދުވަސް ފައުންޑޭޝަނުން ފާހަގަކުރަނީ.

އީ.ޕީ.އެސް ސްކޫލްގެ 52 ވަނަ އުފަން ދުވަސް ފައުންޑޭޝަނުން ފާހަގަކުރަނީ.

މިއަދަކީ އީ.ޕީ.އެސް ސްކޫލް ވުޖޫދުވީތާ 52 އަހަރު ފުރުނު ދުވަހެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އީ.ޕީ.އެސް ފައުންޑޭޝަންގެ ފަރާތުން ހަރަކާތްތަކެއްހިންގުމަށް ރާވައިފިއެވެ. މިގޮތުން ފުރަތަމަކަމަކަށް  މިއަދު ހެނދުނު 11 ޖަހާއިރު ހަމަޖެހިފައިވަނީ ކޮވިޑް 19 ރޯގާއިން ރައްކާތެރިކޮށްދޭ 1000 މާސްކް އިމާދުއްދީން ސްކޫލަށް ހަދިޔާކުރުމެވެ. މިއީއިޖްތިމާޢީ ޚައިރާތެއްގެ ގޮތުން ރޭވިފައިވާ ކަމެކެވެ. ޢިމާދުއްދީނަށް މާސްކް ހަދިޔާ ކުރާ ގޮތަށް ހަމަޖައްސާފައިވަނީ އެސްކޫލަކީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ނުވަތަ ޚާއްޞައެހީއަށް ބޭނުންވާ އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ސްކޫލް ކަމުގައިވާތީއެވެ.

ދެވަނަ ހަރަކާތެއްގެ ގޮތުން ފައުންޑޭޝަނުން ރާވާފައިވަނީ އީ.ޕީ.އެސް އާއި ގުޅޭގޮތުންނާއި އަދިއީ.ޕީ.އެސް ފައުންޑޭޝަނުން ހިންގާ ހަރަކާތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ގޮތުން ރާއްޖެ ޓީވީގެ އެހީތެރިކަމާއި އަދި ޓީވީ މޯލްޑިވްސް ގެ އެހީތެރިކަމާއެކު ޕްރޮގްރާމެއް ގެނެސްދިނުމެވެ. ރާއްޖެ ޓީވީ އިން ލައިވްކޮށް ގެނެސްދޭ މިޕްރޮގްރާމް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު  3:00 އިން 4:00 އަށެވެ. ހަވީރު 4:30 ގައި އީ.ޕީ.އެސް ސްކޫލްގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން އިޖްތިމާޢީ ދެވަނަ ޚައިރާތެއްގެ ގޮތުން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (ދަރުބާރުގެ) ގައި ކޮވިޑް 19 ރޯގާއިން ރާއްޖެ ދިފާޢު ކުރުމަށްޓަކައި ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ޚިދްމަތްތެރިންގެ އަގު ވަޒަންކޮށް އެބޭފުޅުންނަށް ޝުކުރުއަދާކުރުމުގެ ގޮތުން 2 ކަށިކެޔޮކޭކު ހަދިޔާކުރުމަށްވަނީ ހަމަޖެހިފައެވެ.

އީ.ޕީ.އެސް ސްކޫލްގެ 52 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންމެ މުހިއްމު ކަމަކަށް ރޭވިފައިވާ ހަރަކާތަކީ މިރޭ ( 21 ޖޫން 2020 ވާ އާދީއްތަ ދުވަހުގެރޭ) 9 ޖަހާއިރު ޒޫމް މެދުވެރިކޮށް ބޭއްވޭ މަޝްވަރާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި  އީ.ޕީ.އެސް އެސް އަލުން ދިރުވެވިދާނެ ގޮތްތަކާއި އަދި އީ.ޕީ.އެސް ފައުންޑޭޝަން އިތުރަށް ހަރަކާތްތެރި ކުރެވިދާނެގޮތާމެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ. މަޝްވަރާ ބައްދަލުވުމުގައި ޝަރަފްވެރިއެއްގެ ގޮތުން ބައިވެރިވެ ވަޑައިގެން ދެއްވުމަށް ހަމަޖެހިފައިވަނީ ގިނަ ދުވަސްތަކެއްވަންދެން އީ.ޕީ.އެސް އަށް ކިޔަވައިދެއްވެވި ގިނަ ދަރިވަރުންތަކެއްގެ މަޤްބޫލުކަން ލިބިވަޑައިގެންފައިވާ ނިޝާން ޢިއްތަތްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިޤެވެ.

އީ.ޕީ.އެސް ސްކޫލްގެ 52 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން މީޑިޔާގެ ފަރާތްތަކަށް މަޢުލޫމާތުދިނުމަށްޓަކައި ނޫސްބަޔާނެއް ނެރުމަށްވަނީ ހަމަޖެހިފައެވެ.

    Leave a Comment