ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމު ހާސިލްކޮށްފައިވާ ސުކޫލު އީޕީއެސްގެ ނަން ދިރުވައި އަލުން ތައުލީމުދޭ މަރުކަޒެއް އުފެއްދުމުގެ މަޤުޞަދުގައި އުފައްދާފައިވާ އީޕީއެސް ފައުންޑޭޝަންގެ ރައީސްގެ މަޤާމަށް، އަލް އުސްތާޛު އަހުމަދު ހަމްޒާ ހޮވައިފިއެެވެ.
އަހުމަދު ހަމްޒާއަކީ އީޕީއެސްއެސް އިން ތައުލީމު ހާސިލްކުރެއްވި ބޭފުޅުންގެ ތެރެއިން ފާހަގަކޮށްލެވޭ އަދި ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އީޕީއެސް ފައުންޑޭޝަންގެ ނައިބު ރައީސްގެ މަޤާމަށް ދެބޭފުޅަކު ހޮއްވަވާފައި ވާއިރު، އެމަޤާމަށް ހޮއްވެވި ދެބޭފުޅުންނަކީ މަޝްހޫރު ލިޔުންތެރިޔާ ހޯރަފުށީ މުހައްމަދު އާދަމް ސަލީމާއި، ޤައުމީ ޔުނިވަސިޓީން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވި ދެބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ ސުނީނާ ރަޝީދެވެ.
އީޕީއެސް ފައުންޑޭޝަންގެ ދާއިމީ ހިންގާ ކޮމެޓީގެ މަޤާމްތަކަށް މެމްބަރުން ހޮވާފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެފައުންޑޭޝަންގެ ފުރަތަމަ އާއްމު ބައްދަލުވުމުގައެވެ.
އީޕީއެސް ފައުންޑޭޝަންގެ ހިންގާކޮމެޓީއަށް މެމްބަރުން ހޮވުމަށް ކުރިމަތިި ލުމަށް ހުޅުވާލުމުން، ކޮންމެ މަޤާމަަކަށްވެސް ކުރިމަތިލައްވާފައި ވަނީ އެންމެ ބޭފުޅެއްކަމުގައި ވާތީ، މަޤާމްތަކަށް މެމްބަރުން ހޮވީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
އީޕީއެސް ފައުންޑޭޝަނަކީ، އީޕީއެސްގެ ނަން ދިރުވައި ދެެމެހެއްޓުމަށްޓަކައި އީޕީއެސްއެސްގެ އިސްދަރިވަރުންނާއި މުއައްސިސުން ގުޅިގެން އުފައްދާފައިވާ ފައުންޑޭޝަނެެކެވެ.
އީޕީއެސް ފައުންޑޭޝަންގެ މަޤުޞަދުތަކުގެ ތެރޭގައި އީޕީއެސްއެސްގެ ނަން ދިރުވައި ދެމެހެއްޓުމާއި އީޕީއެސްގެ ނަމުގައި ސްކޫލު ކޮލެޖު އަދި މިނޫންވެސް ތަޢުލީމުދޭ މަރުކަޒު ޤާއިމްކޮށް ހިންގޭނެ ފުރުޞަތުތައް ހޯދައި އެފަދަ މަސައްކަތް ކުރުން ހިމެނެއެވެ.
އީޕީއެސް ފައުންޑޭޝަންގެ އާއްމު މެމްބަރަކަށް ވުމުގެ ފުރުޞަތު އީޕީއެސްގައި ތައުލީމު ހާސިލްކޮށްފައިވާ ހުރިހާ ދަރިވަރުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.