މާހިރު ސަރގެ އެންމެ އިހު ބަހަކީ ވެސް ފަހު ބަހަކީ ވެސް “އަހުލާގު!”

EPS School > މާޒީގެ ލިޔުންތައް > މާހިރު ސަރގެ އެންމެ އިހު ބަހަކީ ވެސް ފަހު ބަހަކީ ވެސް “އަހުލާގު!”

މާހިރު ސަރގެ އެންމެ އިހު ބަހަކީ ވެސް ފަހު ބަހަކީ ވެސް “އަހުލާގު!”

އިޔާޒު ނަސީމް/ ލިޔުންތެރިއެއް

އަހުލާގަކީ ހަމަ ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުންނާން ޖެހޭ މަތިވެރި ސިފައެކެވެ. ދަރިވަރެއްގެ ތައުލީމީ ހަޔާތުގައި އަހުލާގީ ގޮތުން ރަނގަޅު ދަރިވަރަކަށް ވުމީ އެ ދަރިވަރެއްގެ ތައުލީމީ ހަޔާތް ކާމިޔާބު ވުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ އެއް ކަމެވެ. ރަނގަޅު ދަރީންތަކެއް މުޖުތަމައަށް ނެރެދިނުމުގެ ވިސްނުން ގެންގުޅޭ ކޮންމެ ތައުލީމީ މުއައްސަސާއަކުން އަހުލާގަށް ވަރަށް ބޮޑު އިސްކަމެއް ދޭނެއެވެ. އީ.ޕީ.އެސްގެ ޕްރިންސިޕަލް ކަމުގެ މަގާމުގައި ވަރަށް ގިނަ ދުވަސްތަކެއް ވާން ދެން ހިދުމަތް ކުރެއްވި ޙަސަން މާހިރަކީ ނުވަތަ މާހިރު ސަރ އަކީ މި ގޮތުން ދަރިވަރުންގެ އަހުލާގަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ.

މާހިރު ސަރ ވިދާޅުވާ ގޮތުގައި ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަން ވެފައި އޮތް ގޮތުން އެންމެ ބޮޑު އިސްކަމެއް ދެވިފައި އޮންނަނީ ވަކި ދާއިރާތަކަކާ ގުޅޭ “އާންމު މައުލޫމާތު” ދަސްކޮށް ދިނުމަށެވެ. ތިމާ ދިރިއުޅެމުންދާ ދުނިޔޭގެ މާހައުލު ދެނެގަނެ، ހޭލުންތެރި މީހަކަށް ވުމަށް ޓަކައި ކޮންމެހެން އެނގޭން ޖެހޭ އާންމު މައުލޫމާތާއި، އަހުލާގުގެ ފިލާވަޅުތަކާއި، މުޖުތަމައަށް ބޭނުންވާ ހުނަރުތައް ތަރައްގީ ކުރުން ފަދަ މުހިންމު ދާއިރާތަކަށް މާ ބޮޑު އިސްކަމެއް ނުދެވެއެވެ. ތައުލީމީ މުގައްރަރުގައި ކަނޑައެޅިފައި ނެތް ނަމަވެސް ދަރިވަރުން ހޭލުންތެރި ކުރުވުމަށާއި އަމަލީ ތަޖްރިބާ ހޯއްދަވައި ދެއްވުމުގެ ގޮތުން ސްކޫލުގައި ތަފާތު ހަރަކާތްތައް ހިންގެވުމަށް މާހިރު ސަރ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން ވެސް މާހިރު ސަރ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އަހުލާގަށެވެ. މާހިރު ސަރ ދެކެވަޑައިގަންނަވާ ގޮތުގައި ކިތަންމެ ގިނަ މައުލޫމާތެއް ލިބިފައި ހުއްޓަކަސް، އަދި ކިތަންމެ ގިނަ ފާހެއް އޮތް މީހެއް ކަމުގައި ވިޔަސް، ރަނގަޅު އަހުލާގެއް ނެތިއްޖެ ނަމަ އެމީހެއްގެ ސަބަބުން މުޖުތަމައަށް ކުރާ ފައިދާއަށް ވުރެ، މުޖުތަމައަށް ކުރިމަތިވާނެ ގެއްލުން މާ ބޮޑު ވާނެއެވެ. ތިމާއަށް ވުރެ ބޮޑެތި މީހުންނަށް އިހުތިރާމް ކުރުމަށާއި، ތިމާއަށް ވުރެ ކުޑަ ކުދީންނަށް އޯގާވެރި ވުށާއި، ކޮންމެ ކަމެއް ވެސް އެ ކަމެއްގެ ވަގުތުގައި އަދާ ކުރުމަށާއި، ތެދުވެރި ވުމަށާއި، ޒިންމާދާރުވުމަށް އަބަދު ވެސް ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގަންނަވައެވެ.

ދަރިވަރުންނަށް ކަމެއް އަންގަވާއިރު، އެކަމެއްގެ ބޭނުން ވިދާޅުވެދެއްވައެވެ. މިސާލަކަށް، މަދަރުސާގެ ދަރިވަރުން ބޯކޮށުމަށް އަންގަވަނީ މަދަރުސާއަކީ ބޯކޮށާ ތަނަކަށް ވެގެން ނޫން ކަމަށާއި، ޔުނިފޯމު ކުލާސްތަކުގައި ކިޔަވާ ދަރިވަރުން އެއް ގޮތަކަށް ތިބުމަކީ ކޮންމެހެން މަޖުބޫރު އަދި މުހިންމު ކަމަކަށް ވާތީ ކަމަށް ވިދާޅުވެއެވެ. މާހިރު ސަރ ވިދާޅުވާ ގޮތުގައި މީހެއްގެ ވެއްޖިއްޔާ ގޮތެއް ހުންނާން ވާނެއެވެ. އަދި އިންސާނުން ތިބޭން ޖެހޭނީ އަބަދު ވެސް ވަރަށް “ޑީސެންޓް” ކޮށެވެ.

އަހުލާގު ރަނގަޅު މީހަކު ދުވަހަކު ވެސް ގެއްލިގެން ނުދާނެ ކަމަށާއި، މުޖުތަމައުގައި އަބަދު ވެސް އެމީހާގެ މަގާމު އެމީހާއަށް އޮންނާނެ ކަމަށް ވިދާޅުވެ، ރަނގަޅު އަހުލާގެއްގެ ވެރި ބަޔަކަށް ދަރިވަރުން ހެއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ.

މާހިރު ސަރ ގެ އެންމެ އިހު ބަހަކީ ވެސް ފަހު ބަހަކީ ވެސް “އަހުލާގު!” އެވެ. އެހެން ކަންތައް އަންނަނީ އޭގެ ފަހުންނެވެ. މާހިރު ސަރ ވަނީ އެ އުސޫލުގައި ހިއްޕަވައިގެން ކުރިޔަށް ވަޑައިގެން ލަނޑުދަނޑިތަކެއް ހާސިލު ކުރައްވައިފައެވެ. މިއަދު އަޅުގަނޑުމެންނާއެކު މާހިރު ސަރ ވަޑައިގެން ނެތް ނަމަވެސް، މާހިރު ސަރގެ ވިދާޅުވަމުން ގެންދެވި ވާހަކަފުޅުތަކުގެ ހަގީގަތްތައް ދަނީ ފެނި ތަޖްރިބާ ކުރެވެމުންނެވެ.

___________________________

ޙަސަންމާހިރުގެ ތަޢުޒިޔާ ފޮތުން ނަގާފައި

    Leave a Comment