އީޕީއެސް ސްކޫލަށް 50 އަހަރު ފުރުމާ ގުޅިގެން އީޕީއެސް ފައުންޑޭޝަނުން ނެރޭ ނޫސް ބަޔާން

EPS School > ޚަބަރު > އީޕީއެސް ސްކޫލަށް 50 އަހަރު ފުރުމާ ގުޅިގެން އީޕީއެސް ފައުންޑޭޝަނުން ނެރޭ ނޫސް ބަޔާން

އީޕީއެސް ސްކޫލަށް 50 އަހަރު ފުރުމާ ގުޅިގެން އީޕީއެސް ފައުންޑޭޝަނުން ނެރޭ ނޫސް ބަޔާން

ޙަމްދާއި ޝުކުރު ކުރަނީ ގަދަކީރިތިވަންތަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަށެވެ. ޞަލަވާތާއި ސަލާމުން ވެދުންކުރަނީ މި އުއްމަތުގެ މާތް ނަބިއްޔާ محمد صلي الله عليه وسلم އަށެވެ. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުންގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމެވެ.

މިއަދަކީ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް ވުޖޫދުވިތާ 50 އަހަރު ފުރޭ ތާރީޚީ އުފާވެރި ދުވަހެވެ. އީޕީއެސް ސްކޫލް އުފެދުނީ މީގެ 50 އަހަރު ކުރިން، 21 ޖޫން 1968 ގައެވެ. މިއުފާވެރި ދުވަހުގެ މުނާސަބަތުގައި، އީޕީއެސް ސްކޫލްގެ މުއައްސިސުންނަށާއި، އީޕީއެސް ސްކޫލުން ތަޢުލީމު ޙާޞިލުކުރި ދަރިވަރުންނަށާއި، އެދަރިވަރުންގެ  ބެލެނިވެރިންނަށާއި، އީޕީއެސް ސްކޫލްގައި ކިޔަވައިދެއްވި މުދައްރިސުންނަށާއި، އީޕީއެސް ސްކޫލަށްއެކި ރޮނގު ރޮނގުން ޚިދްމަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް، 50 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުމާއި މުބާރިކުބާދީ، މި ފައުންޑޭޝަންގެ ނަމުގައި އަރިސް ކުރަމެވެ.

83 ދަރިވަރުންނާއެކު އީޕީއެސް އިން ހުޅުވާލި ތަޢުލީމުގެ ހިޔާވަހި ކަމުގެ ދޮރުން ހިޔާ ލިބިގެން، ޤައުމަށް ޚިދްމަތް ކުރުމަށް 26000 އަށް ވުރެ ގިނަ ދަރިވަރުން މިއަދު ވަނީ ނިކުމެފައެވެ. ޒަމާނީ ތަޢުލީމު ލިބުމުގެ މަގު ބަންދުވެފައިވާ އެތައް ކުދީންތަކަކާއި، އެކުދީންގެ ބެލެނިވެރީން އެދަރީންނާމެދު ދެކެމުން ދިޔަ ފޮނި އުއްމީދުތައް، ޙަޤީޤަތަކަށް ވެގެންދިޔައީ އީޕީއެސް ގެ ނަމުގައި ހުޅުވިގެން ދިޔަ ފަޚްރުވެރި ސްކޫލްގެ ތައުލީމީ ހިޔާވަހި ކަމުން ތަޢުލީމާއި ތަރުބިއްޔަތު ލިބިގަތް ދަރީންތަކަކަށް ވުމުގެ ނަސީބު، އެކުދިންނަށް ލިބިގެން ދިއުމުގެ ސަބަބުންނެވެ.

އީޕީއެސް ސްކޫލަކީ ފަޚްރުވެރި ތާރީޚެއް އޮތް ސްކޫލެކެވެ. އެއީ އެންމެ ފުރަތަމަ އިނގިރޭސި މީޑިއަމް އަށް ރާއްޖޭގައި ކިޔަވައިދޭން ފެށި ފުރަތަމަ، އަމިއްލަ ސްކޫލެވެ. ވޭތުވެ ދިޔަ ބައި ޤަރުނުގެ ތެރޭގައި އެސްކޫލުން ވަނީ ތަފާތު އެކި ފަންނުތަކުގެ، ހާހުންގުނާލެވޭފަދަ އަގުހުރި ދަރީން ތަކެއް ޤައުމަށް ދޫކޮށްފައެވެ. ޒިއްމާދާރު މަންމައިންތަކަކާއި ބައްޕައިން ތަކެއް ޤައުމަށް ދޫކޮށްފައެވެ. ފަޚްރުވެރި މާމައިން ތަކަކާއި ކާފައިންތަކެއް ޤައުމަށް ދޫކޮށްފައެވެ.

އީޕީއެސް ސްކޫލަށް 50 އަހަރު ފުރޭ މިތާރީޚީ މުނާސަބަތު ފާހަގަކުރަމުން ދާއިރު އަޅުގަނޑުމެންނާ މިއަދު ވަކިވެގެންގޮސްފައިވާ އީޕީއެސް ސްކޫލްގެ މުއައްސިސުންނާއި ދަރިވަރުންނާއި މުދައްރިސުންނާއި އަދިވެސް އެކި ރޮނގު ރޮނގުން އީޕީއެސް އަށް ޚިދުމަތްކޮށްދެއްވި ފަރާތްތަކުގެ ހަނދާން އާކުރަމެވެ. މާތް ﷲ އެހުރިހާ ބޭފުޅުންނަށް ހެޔޮ ރަހްމަތް ލައްވާށިއެވެ.

އީޕީއެސް ފައުންޑޭޝަންގެ ޢަޒުމަކީ އަދި އުއްމީދަކީ އީޕީއެސް ގެ ނަން އަބަދުމެ ދެމިހުރުމެވެ. އެނަމަށް ފަނޑުކަމެއް ނައުމެވެ.

21 ޖޫން 2018

    Leave a Comment