ޕްރިންސިޕަލްގެ ނަންފުޅު ރަންއަކުރުން ވިދާބަބުޅާށިއެވެ.

EPS School > މާޒީގެ ލިޔުންތައް > ޕްރިންސިޕަލްގެ ނަންފުޅު ރަންއަކުރުން ވިދާބަބުޅާށިއެވެ.

ޕްރިންސިޕަލްގެ ނަންފުޅު ރަންއަކުރުން ވިދާބަބުޅާށިއެވެ.

   

     އަޝްރަފް ޢަލީ/ ދިވެހިބަހުގެ އެކަޑަމީގެ ރައީސް

ނަންފުޅު ޙަސަންމާހިރުގެ ރަން އަކުރުން ވިދާބަބުޅާށިއޭ

              ދަންމަރުއަލިން ދިއްލެވި އުޖާލާ ދީބު ހުޅުދާން ވާށިއޭ

ނާޒިރުގެ އަގުހުރި ޚިދުމަތަށް އޮހެނީ ޝުކުރު ރަންމުތްތަކުން

              ނާޒިރުގެ ޒިކުރާ ތާއަބަދު ގައިމޭ މިހެން އާވާށިއޭ

ޖަންނަތުގެ މަތިވެރި ހެޔޮ ޖަޒާ މިންވަރުކުރައްވާނދޭ އިލާހް!

              އަތްތައް ދަރިންނާ ދަރިވަރުން މިދުޢާކުރަން އުފުލާށިއޭ

އެއީ އަޅުގަނޑުމެންގެ ލޮބުވެތި ނާޒިރެވެ. އަޅުގަނޑުމެންގެ ލޮބުވެތި އުސްތާޛެވެ. އަޅުގަނޑުމެން އެންމެހައި ދަރިވަރުން އެ ނާޒިރަކަށްޓަކައި ފަޚުރުވެރިވާ ލޮބުވެތި ޙަސަންމާހިރެވެ. ލޮބުވެތި ޕްރިންސިޕަލެވެ. އޯގާތެރި ޕްރިންސިޕަލެވެ. މަޑުމޮޅި ބަސްމަދު، މުރުވަތްތެރި ޕްރިންސިޕަލެވެ. ލޮބުވެތި ޕްރިންސިޕަލް އަޅުގަނޑުމެން އެންމެނާ އަލްވާދާޢުކިޔުއްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.

ޕްރިންސިޕަލް ޙަސަންމާހިރަކީ ދަރިވަރުންނަށް ޤަދަރުކުރެއްވި، މާތް ބޭފުޅެކެވެ. ދުވަހަކުވެސް ބާރަށް އެއްޗެއް ވިދާޅުވި އަޑެއް އަޅުގަނޑެއް ނާހަމެވެ. ދަރިވަރެއްގެ ގޮތުން މަދަރުސީ ދައުރުގައި ތަޖުރިބާކުރަން އަޅުގަނޑަށްވެސް ޖެހުނީ އެއްކަމެއް ދެކަމެއް ނޫނެވެ. ކިލާހުގައި އުޅޭ އުޅުމުގައި އެއްކުއްޖަކު އަނެއްކުއްޖަކަށް ޖަހާ ސަކަރާތާ ކުރާ ސަމާސާސަމާސާ ބައެއްފަހަރު ވިހަވެ މައްސަލަ މައްސަލައަށްވެ ސުޕަވައިޒަރުންނާ ހަމައިން ޙައްލުނުވެ ޕްރިންސިޕަލާ ހަމައަށް ދާންޖެހުނު ފަހަރުފަހަރުވެސް ހިސާބަކަށް ކުރިމަތިވިއެވެ. މިފަދަ ފަހަރުފަހަރު ޕްރިންސިޕަލްގެ ޙިކުމަތްތެރިކަމާއި މައްސަލަ ޙައްލުކުރެއްވުމުގައި ގެންގުޅުއްވާ މަޑުމައިތި އުކުޅުތައް އަޅުގަނޑަށް ވަރަށް ކަމުދިޔައެވެ. ނަތީޖާއެއްގެ ގޮތުން ފަހުން މަދަރުސީދައުރަށްފަހު މުދައްރިސްކަން ކިޔަވައިގެން އަދާކުރަން ޖެހުނު ވަޒީފާގެ ގޮތުން ތަޖުރިބާކުރަން ޖެހުނީ ހަމަ ދާދި އެއްކަހަލަ މައްސަލަތަކާއެވެ. ދަރިވަރުންގެ ކަންކަން ބަލައި ތަޙުޤީޤުކޮށް ފިޔަވަޅުއަޅަންޖެހޭ ކަހަލަ ޙާލަތްތައްވެސް މެދުވެރިވެއެވެ. އަޅުގަނޑަށް ކަމުގައި ކުރިއަށް ދިޔުމަށް ވީ ނުހަނު ފަސޭހަ ކަމަކަށެވެ. ސަބަބަކީ ހަމަ އެއްމެ ސަބަބެކެވެ. ލޮބުވެތި ޕްރިންސިޕަލް ގެންގުޅުއްވި މައްސަލަހައްލުކުރުމުގައި ގެންގުޅުއްވި މަޑުމައިތިރި މިޒާޖާއި ބަސްމޮށުގައި ގެންގުޅުއްވި މަޑުމޮޅިކަމުގެ ސިފަ އަޅުގަނޑު ނަކަލުކޮށް އެގޮތަށް ޢަމަލުކުރުމެވެ.

ޕްރިންސިޕަލް ޙަސަން މާހިރަކީ ހުނަރުވެރި މާހިރެކެވެ. ކުދިން ތަރުބިއްޔަތުކުރުމުގައި އެވަރެއް ނެތޭވެސް ދެންނެވިދާނެއެވެ. މިއަދު ރާއްޖެ ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތުގެ އިސް ސަފުސަފުގެ އެންމެ ކުރީގައި ޕްރިންސިޕަލް ޙަސަން މާހިރުގެ ދަރިވަރުން ތިބިތިބުމުން މިކަން ސާފުކޮށް ހާމަވެއެވެ. ކޮންމެ ދިމާއަކުން، ކޮންމެ ދާއިރާއަކުން ބެއްޔަސް މިކަން އޮތީ މިހެންނެވެ. އަޚްލާޤީ ގޮތުން ނަމޫނާ، އިސްނެގުމާއި މަސައްކަތުގެ ގޮތުންވެސް ލާމަސީލު ދަރިވަރުންތަކެއް އޭނާ ވަނީ ޤައުމަށްޓަކައި ތައްޔާރުކޮށް ނެރުއްވައިފައެވެ.

އާދޭހެވެ! ލޮބުވެތި ޕްރިންސިޕަލްގެ ޚިދުމަތުގެ ޒިކުރާއަކަށް ނިމުމެއް ނެތެވެ. އެޒިކުރާ ތާއަބަދުމެ އާވާނެއެވެ. އެނަންފުޅު ރަންއަކުރުގައި ވިދާ ބަބުޅާނެއެވެ. އެ އުޖާލާ ދަންމަރުގެ އަލިން މުޅި މިދީބު ހުޅުދާންވާނެއެވެ. އަޅުގަނޑުމެން ކޮންމެ ދަރިވަރެއްގެ ހިތުން ލޮބުވެތި ޕްރިންސިޕަލާ މެދު އޮހެނީ ޝުކުރާއި ތާރީފުގެ ހެޔޮ ބަސްބަހެވެ. ކީރިތި ﷲ ގެ ރަޙުމަތްފުޅުން ޕްރިންސިޕަލް ޙަސަންމާހިރުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. ޕްރިންސިޕަލްގެ ހެޔޮ ޚިދުމަތުގެ ޒިކުރާ ތާއަބަދަށް އާލާވުމަށް އިރާދަކުރައްވާށިއެވެ. އާމީން!

 

­­­­­­­­­­­­­­­­­­­­­­­­­­­­­­_______________________

ޙަސަން މާހިރުގެ ތަޢުޒިޔާ ފޮތުން…..

    Leave a Comment