(ޢަބްދުއްލަޠީފް އާދަމް (ގަބޭ)
ޙަސަން މާހިރަކީ މާތް އިންސާނެއް ކަމަށް މިދަންނަވަނީ އިސްލާމް ދީނުގެ މަތިވެރި ރިސާލަތުގެ ތެރެއިން އެކަން ހާމަވާން އޮތުމުންނެވެ.
”އުގަންނައި ދިނުމަކީ’ އެންމެ މާތް އެއް މަސައްކަތެވެ. ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ އަދި އެކަލާނގެ ރަސޫލާ އެންމެ ބޮޑަށް ލޯބިކުރައްވާ އެއް އަމަލެވެ. އެކަން ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުންނާއި ރަސޫލާގެ ހަދީޘްފުޅުތަކުން ފެނި ސާބިތުވާން އެބަހުއްޓެވެ.
ކަންމިހެން އޮތް އިރު 30 ވަރަކަށް އަހަރު އީޕީއެސް ސްކޫލުގެ ޕްރިންސިޕަލްކަން ޙަސަން މާހިރު ކޮށްދެއްވަވާފައިވަނީ ސައްތައިން ސައްތަ ހިލޭ ސާބަހަށް ކަމަށްވުމީ ޙަސަން މާހިރު ކުރައްވާފައިވާ މާތް އަޅުކަމެއްގެ ގޮތުގައި ނޫނީ އަޅުގަނޑު ނުދެކެމެވެ.
ހަމައެއާއިއެކު މާތްﷲ އެންމެ ލޯބި ކުރައްވަވަނީ އަދުލުވެރިންނަށެވެ. ހަސަން މާހިރަކީ ކޯޓެއްގެ ފަނޑިޔާރެއް ނޫން ނަމަވެސް 30 ވަރަކަށް އަހަރު ކޮންމެ ދުވަހަކު އެތައް ދަރިވަރުންނާއި އެތައް މުދައްރިސުންގެ މައްސަލަތަކަށް ޙުކުމް އިއްވެވި ބޭފުޅެކެވެ. އެއިން އެއްވެސް ފަރާތަކުން ޙަސަން މާހިރުގެ އެއްވެސް ނިންމެވުމަކީ ބޭ އިންޞާފުން ނިންމެވި ނިންމެވުމެއް ކަމަށް ބުނާ އަޑު އިވިފައެއް ނެތެވެ.
ގަލަމެއް ބަނޑަށް ކޮށްޕައިގެން ލޯވަޅެއް އެޅޭނެނަމަ އަޅުގަނޑުގެ ބަނޑުގައި ލޯވަޅެއް ހުރީހެވެ. އަޅުގަނޑުގެ ކަންހުޅީގައި ހިއްޕެވި ޢަދަދު ކަންހުޅީގައި ފަޅާފައިވާ އިސްތަށްޓަށްވުރެ އެތައް ގުނައެއް އިތުރުވާނެއެވެ. ނަމަވެސް އެހުރިހައި ކަންކަން ކުރެއްވެވީވެސް ހަމަ އިންޞާފުންކަމަށް އަޅުގަނޑު އަބަދުވެސް ހެކިވާނަމެވެ. އަދި މިއަދު އަޅުގަނޑު މުޖުތަމަޢަށް މިފެންނަ ގޮތަށް ފެންނަން މިހުރީ ވެސް ހަސަން މާހިރު އެކަންކަން ކުރެއްވެވީތީ ކަމަށްވެސް ހިތުގެ އަޑިން ޤަބޫލުކުރަމެވެ.
ދެން އޮތީ ކެތްތެރިކަމެވެ. 30 އަހަރުވަންދެން އެފަދަ ޗެލެންޖިން މަޤާމެއްގައި ހުންނެވުމަށްފަހު ވަކިވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާއިރު، ކުރިމަތިވެ ވަޑައިގަންނަވާނެ ހުރަސްތަކެއް ހުންނާނެއެވެ. ހުރިވެސް މެއެވެ. އެހުރިހާ ހުރަސްތަކާއެކުވެސް ކުރިމަތިލެއްވީ ވަރަށްވެސް ކެތްތެރިކަމާ އެކުގައިކަމަށް ޙަޤީޤަތް ދެނެވަޑައިގަންނަވާ ބޭފުޅުން ހެކިވެ ވަޑައިގަންނަވާނެއެވެ.
ސްކޫލަށް ލިބުނު ފައިސާ ސޭވް ކުރައްވަމުން ގެންދެވީ އިންތިހާއަށް ޚަރަދު ކުޑަކުރައްވައިގެންނެވެ. ބޭނުމަކީ ސްކޫލްގެ ކުރިއެރުމަށް ބޭނުންވާނެ މާލީ ކެރިފޯރުންތެރިކަން ހޯއްދެވޭނެފަދަ އިންތިޒާމެއް ކުރެއްވުމެވެ. މާހިރުގެ އެހުވަފެންފުޅު ޙަޤީޤަތަކަށްނުވީ މުޅީން އެހެން ސަބަބުތަކަކާ ހުރެއެވެ.
ދެން އޮތީ އުންމީދެވެ. ޙަސަން މާހިރު އެންމެ ފަހުން ވިދާޅުވި ބަސްފުޅު މިތަނުގައި ނަކަލުކޮށްލާނަމެވެ. “އީޕީއެސް އަބަދުވެސް ގެނައީ އެއިރަކު ޤައުމަށް އެންމެ ބޭނުންތެރި ގޮތަކަށް ބައްޓަންކޮށް ކާމިޔާބު ހޯދަމުން. އީޕީއެސްއެސް ހިންގުނު ނަމަ ރާއްޖޭގައި އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ކޮލެޖަކަށް ފެންނަން ހުންނަން ޖެހޭނީ އީޕީއެސްއެސް ކޮލެޖް ނޫންތޯ؟”
ޚުލާޞާކޮށް ދަންނަވާނަމަ ޙަސަން މާހިރަކީ، މާތްﷲ މީސްތަކުންގެ ކިބައިގައި ބެހެއްޓުމަށް އަންގަވާފައިވާ މާތް ސިފަތަކުގައި ދެމިހުންނެވި ޝަރަފުވެރި ދިވެހި ދަރިއެކެވެ. ﷲ އެންގެވި މަގުން ކުރިއަށް ވަޑައިގެންނެވި މާތް ދަރިއެކެވެ. ފުރިހަމަ އުންމީދުތަކެއް ކުރައްވައި ޤައުމަށް ޚިދުމަތް ކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ދައްކަވާފައިވާ ބޭފުޅެކެވެ.
ރާއްޖޭގެ މުޅި ތާރީޚަށް ބެލި ނަމަވެސް 30 އަހަރުވަންދެން މިފަދަ ބޮޑު މަސްއޫލިއްޔަތެއް ހިލޭ ސާބަހަށް ކޮށްދެއްވާފައިވާ ހަމަ އެންމެ ދަރިއަކު ފެންނަން ނެތްކަމަށްވެފައިވުމަކީ ޙަސަން މާހިރުގެ ކިބައިން ފެނުނު އެންމެ ފާހަގަކުރެވޭ ސިފަ ކަމުގައި ޤަބޫލުކުރަންޖެހޭ ކަން އެއީ ފާހަގަކުރަންޖެހޭ ކަމެކެވެ.
މާތްﷲ މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވަވާށިއެވެ! އާމީން.!
___________________
މާހިރުގެ ތަޢުޒިޔާ ފޮތުން…….