ރޯނުގޭ ޙަސަންމަނިކު
ލޯތަކުން ހިލި ކަރުނަ އޮހިގެން ދިޔަ އެއީ އެހި ޚަބަރެކޭ
ލޯމަތިން ވަކިވުން އެއީ ހަމަ ހިތްތަކަށް ކުރި އަސަރެކޭ
ލިބިމި ޚަބަރެއް ކުއްލި ޙައިރާން ކަންމަތީ ހަމަ އެހިނދުގައި
ލިބި އައީ ތެދެކޭ ހިތަށް ހަމަ ގައިމު ވަރުގަދަ ސިހުމެކޭ
ނަން އިވޭހިނދުގައި ޙަސަން މާހިރުގެ ޝަޚުޞީ އެކިހަނދާން
ފެންނަހެން ހަމަ ލޯމަތިން ސިފަވާންފެށީ އެކި ސިފަތަކޭ
ބިންގަލެއް އެއެޅުއްވި އީ.ޕީ.އެސް ގެ ބާނީންތަކު ތެރޭ
ހިއްމަތުން ފާހަގަ ވެވޭ ނާދިރު އެ ރީތި މިސާލެކޭ
އަދުގެ ތަޢުލީމަށްޓަކައި، ޚިދުމަތުގެ ސަފުގައި ހުންނަވައި
ތެދުތެދަށް ހަމަ ދަންނަވާނަމަ، ހޯއްދެވީ ރަންވަނައެކޭ
ދެއްވި ތަރުބިއްޔަތުގެ މަތިވެރި ހެކި ދަނީ ފެނި މިއަދުވެސް
ދެއްވެވީ އެކި ކަންކަމަށް ހަމަ ހާދަ ގިނަގުނަ ދަރުސެކޭ
ދަރިވަރުން އަދަދެއްނުވާ، ރާއްޖޭގެ އެކި އެކި ކަންކޮޅުން
ފަރިވެ ހިތްތައް ފަޚުރުވެރިވާ ދިވެހި މަތިވެރި ޝަޚުޞެކޭ
ކޮށްޓަވައި ދެއްވެވި މަގުން ހިނގި ދަރިވަރުން އެކި ވަރުވަރުން
ދައްކަމުންދާ ހެޔޮ ނަމޫނާ އަސްލަކަށް ވާ އެދުރެކޭ
ނާޒިރެއް މޮޅު ޓީޗަރެއް، ފަންނުގެ ނިކަން މޮޅު މާހިރެއް
ނާޒިރުންކުރެ އެރޮނގުގައި ފާހަގަ ވެވޭ އުސްތާޒެކޭ
ދުނިޔެއަށް ތިއަ ދޫކުރެއްވެވި އެންމެ އަގުހުރި މުދަލަކީ
ގުނި އެތައް ފަންނުން ހޮވޭ އެކަށޭނަ ޢިލްމީ ފައުޖެކޭ
ކޮންމެ ޙަރަކާތެއްވިޔަސް ފެށްޓެވުމުގައި އިސްނަންގަވައި
އެންމެ ފައިދާ ހުރިގޮތުން ހިންގެވި އެއީ މޭސްތިރިކޭ
އަހުރަވެތި ތިޔަ ނާޒިރަށް، ފަނޑުވުން ނުވާ ތިޔަ ނަންފުޅަށް
އަރުވަނީ އަދު ދަރިވަރުން މަތިވެރި މަޤާމާ ޝަރަފެކޭ
ދާމަގުން ދުނިޔޭގެ ފިޠުރަތު ވަކިވެގޮސް ފަރުދާވިޔަސް
ހާމަކަން ބޮޑު ޚިދުމަތަށް ކުރެވެން އޮތީ ތާރީފެކޭ
ދާއިމީ ހެޔޮ ރަޙުމަތާ ނިޢުމަތް އަދައި މާތް ސުވަރުގޭން
ޔާ އިލާހީ މާހިރަށް އަދު ދެންނެވޭ މި ދުޢާއެކޭ
_________________________
ޙަސަން މާހިރުގެ ތަޢުޒިޔާ ފޮތުން….