ހިންގުންތެރި ނާޒިރެއް

EPS School > މާޒީގެ ލިޔުންތައް > ހިންގުންތެރި ނާޒިރެއް

ހިންގުންތެރި ނާޒިރެއް

 

އަލްއުސްތާޛު އަޙްމަދު މުޙައްމަދު ގ. ސިކަންދަރުގެ

އީޕީއެސް ސްކޫލްގެ ނަން އިވޭ ކޮންމެފަހަރަކުމެ އެންމެ ފުރަތަމަ ހަނދާނަށް އަންނާނެ ޝަޚްސިއްޔަތަކީ މއ. އަންބަރާ އަލްފާޟިލް ޙަސަން މާހިރުގެ ޝަޚްސިއްޔަތެވެ. ހަސަން މާހިރަކީ އީޕީއެސް ސްކޫލްއަށް ގިނަދުވަސްތަކެއްވަންދެން ޚިދްމަތްކޮށްދެއްވި ޚިދްމަތްތެރިއެކެވެ. ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށް އިސްކަންދެއްވި މުރައްބީ އެކެވެ. ދަރިވަރުންގެ ސުލޫކާއި އަޚްލާގު ރަނގަޅުކުރެއްވުމަށް މަސައްކަތްކުރެއްވި ނާޒިރެކެވެ. ހިންގުންތެރި ވެރިއެކެވެ. ހަސަން މާހިރުގެ ނާޒިރުކަމުގައި އީޕީއެސް ސްކޫލް ފެނިގެން ދިޔައީ ރާއްޖޭގެ އެންމެ ވަރުގަދަ ތަޢުލީމީ އެއް މުއައްސަސާ ކަމުގައެވެ. އެންމެ ގިނަ ދަރިވަރުން އެ މުއައްސަސާ އަކުން ތަޢުލީމު ޙާސިލުކުރަމުންގެންދިޔަ އެއްމުއައްސަސާ ކަމުގައެވެ. 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސްކޫލްގެ ނާޒިރު ކަމުގައި ހުންނެވުމަށްފަހު ސްކޫލްގެ މަސައްކަތުން އެކަހެރިވެ ވަޑައިގެންނެވިއިރު ޙަސަން މާހިރު ވަނީ ތަޢުލީމީ ދަރިންތަކެއް ނެރެދެއްވާފައެވެ. ހުނަރުވެރި ޒުވާނުންތަކެއް އުފައްދަވައި ދެއްވާފައެވެ.

އީޕީއެސް ސްކޫލުން ތަޢުލީމް ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގެންދިޔަ ގިނަ ޢަދަދެއްގެ ދަރިވަރުންނަށް ޙަސަން މާހިރު އަވަހާރަވުމުގެ ފުން އަސަރުތަކެއް ކުރާނެއެވެ. އެހެންނަމަވެސް އެދަރިވަރުންގެ ހިތްތަކުގައި އާވެ އާލާވަމުންދާނީ އެމަނިކުފާނުގެ މަތިވެރި ޛިކްރާއެވެ. މާތްﷲ މަރްޙޫމް ޙަސަން މާހިރުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!

_____________________

ޙަސަންމާހިރުގެ ތަޢުޒިޔާ ފޮތުން ނަގާފައި

    Leave a Comment