އީ. ޕީ. އެސް. ސްކޫލުގެ ރަން ޔޫބީލް ފާހަގަ ކުރުމުގެ ހަރަކާތްތަކާއި ގުޅޭ ޕްރެސް ކޮންފެރެންސް

EPS School > ޚަބަރު > އީ. ޕީ. އެސް. ސްކޫލުގެ ރަން ޔޫބީލް ފާހަގަ ކުރުމުގެ ހަރަކާތްތަކާއި ގުޅޭ ޕްރެސް ކޮންފެރެންސް

އީ. ޕީ. އެސް. ސްކޫލުގެ ރަން ޔޫބީލް ފާހަގަ ކުރުމުގެ ހަރަކާތްތަކާއި ގުޅޭ ޕްރެސް ކޮންފެރެންސް

އިންގްލިޝް ޕްރެޕްރޭޓަރީ އެންޑް ސެކަންޑްރީ ސްކޫލު ނުވަތަ އީ. ޕީ. އެސް. ސްކޫލު ވުޖޫދަށް އައިތާ މިއަހަރު 50 އަހަރު ފުރޭތީ މިމުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ނުވަތަ ރަންޔޫބީލް ފާހަގަ ކުރުމުގެ ޚާއްސަ ހަރަކާތްތަކެއް އިފްތިތާހު ކުރުމަށް މިސްކޫލުގެ ކުރީގެ ހުރިހާދަރިވަރުން ރާވަމުންދާތީ، މިކަމުގެ މައުލޫމާތު މީޑިޔާތަކާއި ހިއްސާކުރުމުގެ ގޮތުން ބާއްވާ ޕްރެސްކޮންފަރެންސް އަށް ވަޑައިގެންދެއްވި މީޑިޔާތަކުގެ އެންމެހާ މެންބަރުންނަށް މަރުޙަބާ ދަންނަވަން.

އަދި މިތާރީޚީ މުނާސަބަތު ފާހަގަކުރުމުގައި، ދިވެހި މީޑިޔާގެ މެންބަރުން، އީ. ޕީ. އެސް. ގެ ކުރީގެ ދަރިވަރުންނާއި، ބެލެނިވެރިން، އަދި ކުރީގެ މުދައްރިސުންނާއި ހެޔޮއެދޭ ހުރިހާ ފަރާތްތަކާއި އެކު ބައިވެރިވެ ވަޑައިގެން ދެއްވުމަށް އަޅުގަޑުމެން އުފަލާއިއެކު ދައުވަތު އަރުވަން.

 

އެގިވަޑައިގަންނަވާނޭ ފަދައިން އީ.ޕީ. އެސް. ސްކޫލަކީ ދިވެހިރާއްޖެ އަށް ބޭނުންވާ އިންސާނީ ވަސީލަތް ބިނާކުރުމަށް ނުވަތަ ހިއުމަން ރިސޯސް އުފެއްދުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްފައިވާ ސްކޫލެއް. މިއަދު މިސްކޫލުން ތަޢުލީމު ޙާސިލުކޮށް ދިރިއުޅުމުގެ ހުނަރުތައް ދަސްކުރި އެތައްކެއް ދިވެހި ދަރީންނެއް ދަނީ ޤައުމު ބިނާކުރުމާއި، ރާއްޖެއަށް ތަރައްޤީ ހޯދާދިނުމަށް ތަފާތު އެކިއެކި ދާއިރާތަކުގައި ޚިދުމަތްތެރި އެތަކެއް މަސައްކަތެއް ކުރަމުން.

 

83 ދަރިވަރުންނާއި އެކު ގަލޮޅު ބޮޑުފެންވަޅުގޭގައި، ފަންފުރާޅަކާއި ގޯނިޖެހި ބިއްތަކެއް ހުރި ކްލާސްރޫމެއްގައި 21 ޖޫން 1968 ވަނަ އަހަރު ފެށުނު އީޕީ އެސް ސްކޫލު މިއަދުވަނީ 26،772 ދަރުވަރުންނަށް ކިޔަވާދީ އެތަކެއް ކާމިޔާބީތައް ޙާސިލުކޮށްފައިކަން އުފަލާއިއެކު ފާހަގަ ކުރަން.

 

މިއަދު އީ. ޕީ. އެސް. ސްކޫލުން ތައުލީމާއި ތަރުބިއްޔަތު ލިބުނު ދަރިވަރުން ދައުލަތުގެ މަތީމަޤާމު ތަކުގައާއި، އަމިއްލަ ވިޔަފާރިތަކާއި، އަދި ސިޔާސީ އަދި އިޤުތިޞާދީ އަދި އިޖުތިމާޢީ ދާއިރާތަކާއި އަދި މިނޫންވެސް ތަފާތު ދާއިރާތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރަމުންދާކަން އުފަލާއި އެކު ފާހަގަ ކުރަން.

 

މީގެތެރޭގައި ދައިލަތުގެ 3 ބާރުންކުރެ 2 ބާރު ކަމުގައިވާ ރައްޔިތުންގެ މަޖްލިސް އާއި ސްޕްރީމް ކޯޓްގައި އެންމެ އިސްކޮށް ތިއްބެވީ، އަދި ޤައުމުގެ ނާއިބު ރައީސްގެ މަޤާމުގައިވެސް ހުންނެވީ އީ. ޕީ. އެސް. ސްކޫލުން ކިޔަވާވިދާޅުވެފައި ބޭފުޅުންކަން ފަޚުރުވެރިކަމާއިއެކު ފާހަގަކުރަން.

 

އީ. ޕީ. އެސް. ސްކޫލަކީ އިގިރޭސި މީޑިއަމް އަށް ދިވެހިރާއްޖޭގައި ކިޔަވާދޭންފެށި ފުރަތަމަ އަމިއްލަ ސްކޫލު. އަދި މިސްކޫލަކީ 60 ދޮޅަހުގެ އަހަރުތެރޭގައި، ޚާއްސަކޮށް ޒަމާނީ ތައުލީމު މާލޭގައި ދެވެމުންދިޔަ ސަރުކާރުގެ 3 ސްކޫލުން ފުރުޞަތު ނުލިބުނު، މާލެއާއި އަތޮޅުތެރޭގެ އެތަކެއް ދަރިވަރުންނަށް އިގިރޭސި މީޑިއަމް އަށް ޒަމާނީ ތައުލީމު ޙާސިލުކުރުމަށް ފުރުޞަތު ހޯދާދިން ރާއްޖޭގެ ފުރަތަމަ ސްކޫލް އަދި އެންމެ މަޤްބޫލު ސްކޫލް ވެސްމެ.

 

އަދި އީ. ޕީ. އެސް. ސްކޫލަކީ ރާއްޖޭގެ އެހެން އެއްވެސް ސްކޫލެއްގައި ތަޢާރަފުނުވެވިވީ، އެތަކެއް ޙަރަކާތްތަކެއް ތަޢާރަފުކޮށް ދަރިވަރުންނަށް ލީޑަރޝިޕް ދަސްކޮށްދީ، ދިރިއުޅުމުގެ ހުނަރުތައް އުގަނައިދީ، އަދި ރާއްޖޭގެ ތަރައްޤީއާއި ދުނިޔެވީ ކަންކަމާއިމެދު މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުވައި،، ކަންކަމާއިމެދު ވިސްނަން ދަސްކޮށްދިން ސްކޫލެއްކަން ފަޚުރުވެރިކަމާއިއެކު ފާހަގަކުރަން.

 

މިގޮތުން އ.ދ. މަޖިލީހުގެ ނަމޫނާ މަޖުލިސް ހިންގުމާއި، އަތޮޅުވެރިންގެ މަހާސިންތާ ބޭއްވުމާއި، ތިމާވެށި ހިމާޔަތް ކުރުމަށް ތަފާތު މަޝްރޫއުތައް ހިންގުންފަދަ، ހަރަކާތްތައް ބާއްވާފައިވާކަން އުފަލާއިއެކު ފާހަގަ ކުރަން.

 

ކޮންމެއަކަސް، އީ. ޕީ. އެސް. ސްކޫލުގެ ރަންޔޫބީލު ފާހަގަކުރުމުގެ ޙަރަކާތްތައް އިފުތިތާޙުކުރުމަށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ، އާދެ! – 1 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި ބިލަބޮން ހައި އީ. ޕީ. އެސް. އިންޓަރނޭޝަނަލް ސްކޫލު ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ޖަލްސާއަކުން.

 

މިއަދުގެ މި ޕްރެސްކޮންފެރެންސް ބޭއްވުމުގެ އެންމެބޮޑު މަޤްޞަދަކީވެސް ތިޔަބޭފުޅުންގެ ދީލަތިއެހީތެރިކަމާއިއެކު، ތިޔަބޭފުޅުން މެދުވެރިކޮށް މިޖަލްސާގައި ބައިވެރިވުމަށް ވީހާގިނަ އީ. ޕީ. އެސް. ސްކޫލުގެ ކުރީގެ ދަރިވަރުންނަށް ދައުވަތުއެރުވުން.

 

އެހެންކަމުން، އަޅުގަޑުމެން އުއްމީދު ކުރަނީ މާދަމާރޭ 8:30 ގައި ބިލަބޮން ހައި އީ. ޕީ. އެސް. އިންޓަރނޭޝަނަލް ސްކޫލަށް ވަރަށްގިނަ އީ. ޕީ. އެސް. ގެ ކުރީގެދަރިވަރުން ހާޟިރުވެދެއްވާނެކަމުގައި، އަދި ރަންޔޫބީލު ފާހަގަކުރުމަށް ރޭވޭހަރަކާތްތަކުގައި އިސްނަންގަވައި، ދަރުމަވެރިންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންދެއްވާނެކަމުގައި.

 

މިކަމުގައި ބިލަބޮން ހައި އީ. ޕީ. އެސް. އިންޓަނޭޝަނަލް ސްކޫލުން ދެއްވާއެއްބާރުލުމާއި ތަރުހީބަށް އަދި ދީލަތިއެހީތެރިކަމަށްޓަކައި، އެސްކޫލުގެ ވެރިންނާއި، މެނޭޖްމަންޓްއަށް އިޚުލާސްތެރިކަމާއިއެކު ޝުކުރުދަންނަވަން.

 

މާދަމާރޭ ބޭއްވޭ ޖަލްސާގައި ދެކަމެއް ހާޞިލު ކުރުމަށް އަމާޒުހިފިފައިވޭ.

 

1- ފުރަތަމަ ކަމަކީ އީ. ޕީ. އެސް. ސްކޫލަށް 50 އަހަރުފުރޭ ތާރީޚީމުނާސަބަތު ފާހަގަކުރުމަށް ޚާއްސަހަރަކާތްތަކެއް ރާވައި ހިންގަންފެށުން ފާހަގަކުރުން.

 

2- ދެވަނަ ކަމަކީ މިއަހަރުގެ ނިޔަލަށް އީ. ޕީ. އެސް. ގެ ނަން ދިވެހި ވުޖޫދުން ފުހެވިގެން  ހިގާދާނެކަމުގެ ކަންބޮޑުވުން އޮތުމާއިއެކު، ދިވެހި ތަޢުލީމަށް އަދި ދިވެހިޤައުމުގެ ތަރައްޤީއަށް ބޮޑުހިއްސާއެއް އަދާކޮށްފައިވާ އަގުހުރި ތަރިކައެއްފަދަ ގޮތެއްގައި ބެލެވޭ އީ. ޕީ. އެސް. ސްކޫލުގެ ނަން ދިވެހިވުޖޫދުގައި ދަމަހައްޓައި، ދިރުވޭނެގޮތެއްވޭތޯ މަސައްކަތްކުރުމަށް ކެންޕޭންއެއް ފެށުން.

 

އެގިވަޑައިގަންނަވާނޭ ފަދައިން، މިހިގާ 2018 ވަނަ އަހަރުގެ ނިޔަލަށް އީ. ޕީ. އެސް. ސްކޫލުގެ މުއައްސިސުން ނުވަތަ ފައުންޑަރުންނާއި ބިލަބޮން އިންޓަރނޭޝަނަލް އާއި ދެމެދު ވެވިފައިވާއެއްބަސްވުން ނިމުމަކަށް އަންނާނެ. އޭގެފަހުން ބިލަބޮން ސްކޫލުގެ ނަމުގެ ތެރޭގައި އީ. ޕީ. އެސް. ހިމެނުމަކަށް ލާޒިމެއްނޫން.

 

އަޅުގަޑުމެން ކޮންމެހެން ބިލަބޮން ސްކޫލުގެ ނަންބޯޑުގައި އީ. ޕީ. އެސް. ނަންހިމެނުމަށް ވަކި ބޭނުންވަނީކީނޫން. ނަމަވެސް، ކޮންމެވެސް ގޮތަކުން އީ. ޕީ. އެސް. ސްކޫލުގެ ނަން ދިވެހި ޖައްވުގައި ދިރިހުންނާނެ ނުވަތަ ދެމެހެއްޓޭނެ ގޮތަކީ ކޮބައިތޯ ހޯދައި، އެކަމެއް ކުރުމަށްޓަކައި މަސައްކަތްކުރުން އެއީ މާދަމާރޭ އަޅުގަޑުމެން ފަށާ ކެންޕޭންގެ އަމާޒަކީ.

 

މިތާމިތިބީ މާދަމޭރޭގެ ޖަލްސާގެ ކަންތައްތައް ރާވާ އިންތިޒާމު ކުރުމަށް ކުރީގެ ދަރިވަރުންގެ ތެރެއިން އިސްނެގި ދަރިވަރުންގެ ތެރެއިން ހޮވިފައިވާ ވަގުތީ އެޑްވައިޒަރީ ކޮމެޓީގެމެންބަރުން. އަޅުގަޑަކީ މިކޮމެޓީގެ ވަގުތީ ޗެއަރ ނުވަތަ މުޤައްރިރު.

 

    Leave a Comment